މުޅި ދުނިޔެ ކޮވިޑް-19ގެ ބިރު ވެރިކަމުގައި ތިއްބާ އެންމެ ފުރަތަމަ ބައްޔާ ދެކޮޅަށް ވެކްސިނެއް އުފައްދައި، ދުނިޔެއަށް އުންމީދު އާކޮށްދިން ކުންފުނި، ފައިޒާއިން އަނެއްކާ ވެސް އެ ރޮނގުން އާ ފިޔަވަޅެއް ކުރިޔަށް އެޅުމާ ކައިރިއަށް ޖެހިލައިފި އެވެ.
ފައިޒާއިން މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑާ ދެކޮޅަށް ބޭނުން ކުރާނެ ގުޅަ ބޭހެއް ނުވަތަ ޕިލްއެއް އުފެއްދުމުގެ މަސައްކަތެވެ.
އެމެރިކާއާއި ބެލްޖިއަމްގައި ހުރި ސިއްރު ދެ މަރުކަޒެއްގައި ފައިޒާގެ ސައިންސިސްޓުން ގެންދަނީ މިބޭހުގެ އަޖުމަ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮން 18 އަހަރާއި 60 އަހަރާ ދެމެދުގެ 60 މީހުން ބައިވެރި ކޮށްގެން ފައިޒާއިން މިބޭހުގެ ޓްރަޔަލް މަރުހަލާތައް ވަނީ ފަށައިފަ އެވެ.
މި ޓްރަޔަލްތައް ކާމިޔާބު ވެއްޖެނަމަ ކޮވިޑް-19 އަށް ގޭގައި ތިބެގެން އަމިއްލަޔަށް ފަރުވާކުރުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
ފައިޒާއިން މި ޕްރޮގްރާމްގެ މާ ބޮޑު މައުލޫމާތެއް އަދި ހާމަ ނުކުރި ކަމުގައި ވިޔަސް އެ ކުންފުނީގެ ސައިންޓިސްޓުން ވަނީ މިބޭސް ހެދުމުގެ މަސައްކަތް ކުރާކަމުގެ ޔަގީންކަން ދީފަ އެވެ. އެގޮތުން މި ބޭހަކީ މުޅިން އަލަށް އީޖާދުކުރި އެންޓި ވައިރަލް ބޭހެއް ކަމަށާއި ޖަނަވާރު ބޭނުން ކޮށްގެން ހެދި ޓެސްޓުތަކުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށް ވެސް ބުންޏެވެ.
އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖްގެ ފާމަސޫޓިކަލް މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރު ވާޑް ބުނި ގޮތުގައި ފައިޒާއިން މި ހިސާބަށް މަސައްކަތް ކުރިޔަށް ގެންގޮސްފިނަމަ އެއީ ވަރަށް ބޮޑު އުންމީދެކެވެ. ބޭހުގެ ސަލަމަތާ ބެހޭ ގޮތުން ހެދި ޓެސްޓުތަކުން ބޭހުގައި އެއްވެސް ނުރައްކަލެއް ނުވަތަ ސައިޑްއިފެކްޓެއްވާ ކަމުގައި ދައްކާފައެއް ނުވެ އެވެ.
އިންސާނުނަށް ސީދާ ދީގެން ކުރަން ހަމަޖެހިފައިވާ ދިރާސާތަކުގެ ފުރަތަމަ މަރުހަލާ ކުރިޔަށް ގެންދިޔުމަށް ހޮވާފައިވާ ވޮލަންޓިޔަރުން މިހާރުވަނީ ފައިޒާގެ ޓެސްޓު މަރުކަޒުތަކުގައި ދެމަސް ދުވަސް ހޭދަ ކުރުމަށް ތައްޔާރުވެފަ އެވެ. ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިދިރާސާތައް 145 ދުވަހަށް ކުރިޔަށް ގެންދެވޭނެ ކަމަށް ބެލެވެ އެވެ.
ހުރިހާ ކަމެއް ރަނަގޅަށް ގޮސްފިނަމަ މިއަހަރު ނިމުމުގެ ކުރިން ކޮވިޑް-19ގެ ބަލިމީހުން ހޮސްޕިޓަލަށް ނުގޮސް ގޭގައި ތިބެގެން ފަރުވާ ކުރެވޭނެ ކަމަށް ބެލެވޭ މިބޭސް އާންމުކުރެވޭނެ އެވެ. މިކަމަށް ފައިޒާގެ ސައިންޓިސްޓުން ކުރަމުންދާ މަސައްކަތާ މެދު އެ ކުންފުންޏަށް ވަރަށް ބޮޑު އިތުބާރު އެބަ އޮތެވެ.