މަގު ހެދުމަށް ހާއްސަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި ދައުރުގައި ދެ ވަނަ ފަހަރަށް ލޯގޯ ބަދަލުކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ އާރުޑީސީން އާ އަހަރާ ދިމާކޮށް ވަނީ އާ ލޯގޯ ތައާރަފުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ އާ ލޯގޯއިން ރަމުޒު ކޮށްދެނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގާ ކަމަށްވާ ފަން ވިނުން ކަމަށެވެ. ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ފެންނަ މި ލޯގޯއިން އާރުޑީސީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ލޯގޯއިން ހަތަރު އަނގޮޅި ކަންމައްޗެއް ވެސް ރަމްޒުކޮށްދޭ ކަމަށާއި، އޭގެން ދައްކުވައި ދެނީ ގައުމީ ތަރައްގީއާ ދިމާލަށް އެކި މަގުތައް ގުޅި ލާމެހިފައިވާ ކަން ކަމަށް ވެސް، އާރުޑީސީން ކުރި ޕޯސްޓެއްގައި ވެ އެވެ.

އާރްޑީސީގެ މެންޑޭޓުގައި ނެތް މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން، ޕޮލިސް ސްޓޭޝަން އެޅުމާއި ހޮސްޕިޓަލު އެޅުން ފަދަ މަސައްކަތްތައް މަގުހަދާ ކުންފުންޏާ މި ސަރުކާރުން ހަވާލުކުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މީގެ ކުރިން މި ދައުރުގެ ކުރީ ކޮޅު ވެސް އާރްޑީސީން ވަނީ ލޯގޯ ބަދަލުކޮށްފަ އެވެ. އެ ފަހަރު ލޯގޯ ބަދަލުކުރީ ލޯގޯގައި ރީނދޫ ކުލަ ހުރުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ދާދި ފަހުން އާއްމުކޮށްފައިވާ ކުންފުނިތަކުގެ ރިޕޯޓްތައް ދައްކާ ގޮތުން އާރުޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުން ވި އެވެ.