ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ ނަން މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތުގެ ނަމެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި އިންތިހާބަކާ ނުލާ ހޮވިފައި ވަނީ އަބްދުލްއަޒީޒް އިބްރާހީމާއި، ޒަމްއަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހޮވިފައި ވަނީ ސިމާހާ ނަސީމާއި، ހުސައިން ސަގީފެވެ.
އެ ކޮމިޝަން އުފެއްދުމުގެ ބިލް މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ކޮމިޝަނަކީ ސީދާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް އުފެއްދި ކޮމިޝަނެކެވެ. ސަރުކާރުން ބޭނުންވާ މީޑިއާތަކަށް ފިޔަވަޅު ނޭޅިގެން މީގެކުރިން މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.