ރާއްޖޭގައި އިސްލާމްދީނުގެ އަސާސްތަކާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ އަދި ބަދަހި ނިޒާމެއް ގާއިމުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން ނިޒާމީ ގޮތެއްގައި ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ގައުމީ ދުވަހުގެ ބަތަލް، އުތީމު މަހާރަދުން ކުރެއްވި ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތަކެއް ގައުމުގައި ހިނގަން ފެށި ދަނޑިވަޅުތައް ކަމަށެވެ. އަދި ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެ ދާންޖެހުނު ތާރީހީ ހާދިސާއަކީ ވެސް ދީން ދޫކޮށްލުމުގެ ސަބަބުން ކުރިމަތިވި ހިތްދަތި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ދީން ދޫކޮށްލާ ހިސާބުން އެ ހިޔާނާތްތެރިވެވުނީ ހަމައެކަނި ދީނަކަށް ނޫން. އެ ހިޔާނާތްތެރިވެވުނީ ދިވެހި ގައުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި ގައުމުގެ ނާރެހަކީ އިސްލާމްދީން ކަމަށާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ގުޅިފައިވަނީ ދީނާ ކަމަށެވެ.

މި ސަބަބަށްޓަކައި، ރާއްޖޭގައި ހެދޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައިކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި މިފަދަ ހަރުދަނާ ނިޒާމެއް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެމަނިކުފާނު އެރުވި އެވެ.

މީގެ އިތުރުން، މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމާއި، އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ އަޒުމަކަށް ވާންވާނީ ތަހުޒީބު މުޖުތަމައެއް ބިނާކޮށް، ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުން ކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވަނީ ގާނޫނުތަކާއި އުސޫލުތަކަށް ބޯލެނބުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.