މީގެ ދުވަސްކޮޅެއް ކުރިން ސިނަމާތަކުގައި ރިލީޒްކުރި ބޮލީވުޑް ފިލްމް "ސައްޔާރާ" އަށް ލިބުނު ކާމިޔާބީއާއެކު އެ ފިލްމުން ފެނިގެންދިޔަ ދެ ތަރިންނަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
އެގޮތުން އެ ފިލްމުގެ ފިރިހެން ލީޑު ރޯލުން ފެނިގެން ދިޔަ އަހާން ޕާންޑޭ ވަނީ ސަޕޯޯޓަރުންގެ އިތުރުން ފިލްމް ޕްރޮޑިއުސަރުންގެ ސަމާލުކަން ވެސް އަތުލައިގަނެފަ އެވެ.
އެ ފިލްމަށް ލިބުނު ކާމިޔާބީއާއެކު އަހާންއަށް އިތުރު ފިލްމުތަކުގެ ފުރުސަތުތައް ލިބެމުން އަންނައިރު އޭނާ ވަނީ ބައެއް ފުރުސަތުތަކަށް އާނބަސް ވެސް ބުނެފަ އެވެ.
އެގޮތުން އޭނާ އާނބަސް ބުނެފައިވާ އެއް ފިލްމަކީ ޔަޝް ރާޖް ފިލްމްސް ބެނާގެ ދަށުން އަލީ ޒަފަރު ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ފިލްމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ.
އެގޮތުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ ފިލްމަށްޓަކައި އަހާންގެ ސިފައަށް ގެނެސްފައިވާ ބަދަލެވެ. މިފަހުން އޭނާ ބޭރުތެރެއިން ފެނުނުއިރު އޭނާ ފެނުނީ މުޅިން ތަފާތުކޮށެވެ.
"ސައްޔާރާ"ގައި އަހާން ފެނިގެންދިޔައީ ތަންކޮޅެއް ދިގު އިސްތަށިގަނޑަކާއި ތުނބުޅިއާއެކު ކަމަށް ވިޔަސް މި ފަހުން ފެނުނު ފެނިލުމުގައި އޭނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައި ހުރިއިރު ތުނބުޅި ވެސް ހުރީ ތުނި ކޮށްފަ އެވެ.
އަހާންގެ މި ފެނިލުމަށް ގިނަ ބައެއްގެ ތައުރީފު އޮހެެމުން ދާއިރު މި ގޮތަށް ވެސް އޭނާގެ ރީތިކަން އެނގޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.