ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ތުހުމަތުކުރެވޭ މުއާޒް އަކީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

މުއާޒަކީ މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. މިފްކޯ އިން ބުނީ އެ މައްސަލައާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އޭނާ އަކީ ކަސްޓަމްސްގައި ސްޕްރިންޓެންޑެއްޓަކަށް މަސައްކަތްކޮށްފައިވާ މީހެކެވެ. އެ މަގާމުގައި ހުރެ ރިޝްވަތު ހުށަހެޅި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

އެ މައްސަލާގައި މުއާޒުގެ އިތުރުން އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ކުންފުނީގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް ވަނީ ހައްޔަރުކޮށްފަ އެވެ.