ވަގަށް އެތެރެކުރަން އުޅެނިކޮށް ހުއްޓުވައި، ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާވާކަމުގެ ކަންބޮޑުވުމާ އެކު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްނުކޮށް، ބޭރުކޮށްލައިފިއެވެ.
ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ހުރި 40 ފޫޓުގެ ދެ ކޮންޓެއިންރު ވަގަށް ނަގާފައިވާއިރު، އެ މައްސަލަ ފެންމަތިވީ ވެސް ވައްކަންކުރިތާ ދުވަސްތަކެއް ފަހުންނެވެ.
އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރަހިމް ނާޒިލް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
އެ މައްސަލައިގައި އޭނާ ވިދާޅުވީ، އެ ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް އިންތިހާއަށް ނުރައްކާވާނެ ފަދަ ކަންތައްތަކެއް ފެންމަތިވެފައިވާތީ އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުން މުހިންމު ކަމަށެވެ.
އެގޮތުން، ސިނގިރޭޓުތަކެއް އެގޮތަށް ވަގަށް ނެގުމަކީ ކަސްޓަމްސްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިހުމާލު އޮތް ކަމެއް ކަމަށާއި އެހާ ދޯހަޅިކޮށް ވިޔަފާރި ބަނދަރުގައި ކަންތައްތައް ހިނގައިގެން ނުވާނެ ކަމަށެވެ.
އެހެންވެ، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވިއެވެ.
އެއީ، ވަގަށް އެ ފަދައިން ސިނގިރޭޓު އެތެރެކުރެވޭ ނަމަ، އަދި ބަނދަރުގައި ހުރި ކޮންޓެއިނަރުތަކެއް ވަގަށް ނެގޭ ނަމަ އެ ނޫން ތަކެތި ވެސް އެތެރެކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމުންނެވެ. އަދި، ރާއްޖެއަށް އެތެރެކުރުން މަނާ އެހެން ޒާތްޒާތުގެ ތަކެއްޗާއި ގޮވާ ތަކެތި ވެސް އެތެރެކުރުމުގެ ފުރުސަތު އޮތް ކަމަށް ކުއްލި މައްސަލައިގައި ނާޒިލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ވަގަށް އެތެރެކުރާ ސިނގިރޭޓުގެ ތެރެއިން އަތުލައިގަނެވެނީ މަދު އަދަދެއް ކަމަށެވެ. އަދި، އެ އަތުލައިގަނެވޭ ތަކެއްޗާ ގުޅިގެން ވެސް އެކަށިގެންވާ ފިޔަވަޅު ނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގުމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެސް ވެފައިވާކަން ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. އެހެންވެ، އެ މައްސަލައަށް ކޮންމެހެން ވެސް ބަހުސްކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު ތަޅުމުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބޭރުކޮށްލާށެެވެ. އެ މައްސަލައަށް ބަހުސްކުރަން ވޯޓުދެއްވީ އިދިކޮޅު ފިކުރުގެ އަށް މެންބަރުންނެވެ. އެހެންވެ، ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.
40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެ މައްސަލައިގައި ފުލުހުން ރޭ ވަނީ ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ފުރުން މަނާކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރަކާއި މިހާރު އޮފިސަރެއްގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިންނެވެ. އެނގިފައިވާ ގޮތުގައި ދެ ވިޔަފާރިވެރިންނަކީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އެވެ.