މިއަހަރުގެ ދެވަނަ ކުއާޓަރުގައި 1.62 މިލިއަން ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީގެ ތެރޭގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޚިދުމަތް ހޯދާފައިވާ ފަސިންޖަރުން ވެސް ހިމެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކޮށްފައި ވަނީ 1.04 މިލިއަން ފަސިންޖަރުންނެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުން ކޮށްފައި ވަނީ 242،104 ފަސިންޖަރުންނެވެ. މި މުއްދަތުގެ ތެރޭގައި ސީޕްލޭންގެ ޚިދުމަތް ހޯދާފައި ވަނީ 341،792 ފަސިންޖަރުންނެވެ.

އެއާލައިންތަކުން ވީއައިއޭއަށް އެންމެ ގިނައިން ފަސިންޖަރުން އައިސްފައި ވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އެވެ. އެ ދުވަހު 18،924 ފަސިންޖަރުން އައިސްފައިވެ އެވެ. ސީޕްލޭން މެދުވެރިކޮށް އެންމެ ގިނައިން ފަސިންޖަރުން އައިސްފައި ވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު 5،707 ފަސިންޖަރުން ވަނީ އައިސްފަ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ އެއާ ޓްރެފިކް މޫވްމަންޓްސްއަށް ބަލާއިރު، ބައިނަލްއަގުވާމީ އެއާ ޓްރެފިކް މޫވްމަންޓް އުޅެނީ 6،714 ގަ އެވެ. ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓްސް އުޅެނީ، 5،957 ގަ އެވެ. އަދި ސީޕްލޭން އެއާ ޓްރެފިކް މޫވްމަންޓްސްއަކީ، 36،295 ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވީއައިއޭއަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން ޚިދުމަތް ހޯދާ އެއާޕޯޓެވެ.

ޓޫރިޒަމްގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ ތެރެއިން 97.7 ޕަސެންޓް ޓޫރިސްޓުން އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ.