ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެއް ކަމަށްވާ ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ އެއިފިލް ޓަވަރު އަންނަ އަހަރު ނައްތާލަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން އެއިފިލް ޓަވަރު އާއްމުކޮށް ބަންދު ކޮށްފައިވާއިރު ޓަވަރު ނައްތާލަން ކުރަންޖެހޭ ކަންކަން މިހާރު ދަނީ ކުރެވެމުންނެވެ.

ޕެރިސްގެ އެންމެ ހާއްސަ އެއް މަންޒިލްގެ ގޮތުގައި ފާހަގަ ކުރެވޭ އެއިފިލް ޓަވަރު ނައްތާލަނީ 2026 ވަނަ އަހަރަށް އެ ޓަވަރުގެ ލީޒް ހަމަވުމުން ކަމަށް ބުނެވެ އެވެ.

1884 ވަނަ އަހަރު އެންމެ ފުރަތަމަ އެއިފިލް ޓަވަރު ހުޅުވުނީ އޭގެ ވިހި އަހަރު ފަހުން ބަންދުކުރާ ގޮތަށެވެ. އެހެން ނަމަވެސް އެ މުއްދަތު ހަމަވިއިރު ޓަވަރުގެ އަގު މައްޗަށް ދިއުމުން އެ ހުރި ގޮތަށް ބެެހެއްޓީ އެވެ.

އެގޮތުން އެ ދުވަސްވަރު އެއިފިލް ޓަވަރު ވެފައިވަނީ މޫސުމާ ބެހޭ ކަންކަން މޮނީޓާ ކުރުމާއި ރޭޑިއޯ ސިގްނަލް ފޮނުވުން ފަދަ ކަންކަމަށް ބޭނުން ކުރެވުނު އެއްޗަކަށެވެ.

އެއާއެކު ވެސް އެއިފިލް ޓަވަރުގެ ހަގީގީ ރަމްޒު ގުޅިފައި އޮތީ ލޯތްބަށެވެ. ދުނިޔޭގެ "ސިޓީ އޮފް ލަވް"ގެ ނަމުން މަޝްހޫރު ޕެރިސްގައި އެ ޓަވަރު ހުރީ ސާފު ލޯބީގެ ނިޝާނެއްގެ ގޮތުގަ އެވެ.

އެއިފިލް ޓަވަރަކީ ގިނަ ބައެއްގެ "ބަކެޓް ލިސްޓު"ގައި ހިމެނޭ ތަނަކަށް ވާއިރު އެތަނަށް ޒިއާރަތް ކުރަން ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މިފަދަ ވާހަކަތަކެއް މީޑިއާގައި ދެކެވެމުން އައި ނަމަވެސް ރަސްމީކޮށް ޕެރިސްގެ އެއްވެސް އިދާރާއަކުން މިކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.