އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓަށް މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން ފެންނަ ގޮތެއް ބަލަން ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.
ޒާހިދު ވިދާޅުވި ގޮތުގައި އެ ވޯޓުގައި ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރާނެ އެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭ ތޯ ކުރާ ސުވާލެވެ.
މިފަހުން ހެދި ރިފަރެންޑަމް ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ޒާހިދު ވިދާޅުވި ގޮތުގައި މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އަދި ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ އެވެ.
ޒާހިދު ވިދާޅުވީ ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައިދިނަސް މި އިންތިހާބުގައި އެ އިންތިޒާމު ހަމަނުޖައްސާނެ ކަމަށެެވެ. ރީރަޖިސްޓްރީކުރަން ފުރުސަތު ދިނަސް އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ޒާހިދު ވިދާޅުވި އެވެ.
ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އަދަދަށް ބަލާއިރު، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި، މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި، މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި އަދި މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
ޒާހިދު ވިދާޅުވީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށެވެ.
މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ބަލާއިރު 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 އިން 12 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި އިންތިހާބުގައި ވެސް އޮބްޒާވަރުންނާއި މޮނިޓަރުން ވެސް ހަރަކާތްތެރިވެ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް އީސީން ބުނެ އެވެ.