ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި، އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމަވާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން މިއަދު ނިންމި ނިންމުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑޮލަރުގެ ރޭޓް ބޮޑުވުމާއެކު މޭވާ އާއި ތަުކާރީގެ ބާވަތްތަކުގެ އަގު މިހާރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން އޮރެޖާއި އާފަލް ބާޒާރުން މިހާރު ލިބެނީ 15 ރުފިޔާ އަށެވެ.