މިނިވަން މީޑިއާ ނެތިކޮށްލައި ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ބަލައިގެންފި އެވެ.
އެ ބިލަށް ވޯޓަށް އަހާފައި މިވަނީ ބިލުގެ ބަހުސް މިއަދަށް ނިންމާލީ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ. އާންމު އުސޫލެއްގެ ގޮތުން ބިލުގެ ބަހުސެއް ނިންމައި ވޯޓަށް އަހާނަމަ އެ ކަން ކުރީ ބައިގައި އިއުލާން ކުރާނެ އެވެ. ނަމަވެސް، ހުސް ވަގުތުކޮޅަށް މަޖިލިސް ދިޔައީ އެކަން އިއުލާން ނުކޮށެވެ.
މެންދުރު 1:00 ގައި ޖަލްސާ ފެށުމަށް ފަހު އަލުން ކުރިއަށްގެންދިޔައީ އަނެއްކާ ވެސް އެ ބިލުގެ ބަހުސް އެވެ. ތޮއްޑު ދާއިރާގެ މެންބަރު ހުސައިން ސަމީރުގެ ބަހުސަށް ފަހު އަބްދުއްރަހީމް އިއުލާން ކުރެއްވީ މިއަދު ބަހުސް ނިންމައި ވޯޓަށް އަހާނެ ކަމަށެވެ.
އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.
ނޫސްވެރިން ޑިމާންޑް ކުރަމުން ދިޔައީ ބިލު ބަލައިނުގަނެ ބޭޭރުކޮށްލުމަށެވެ. ބިލު ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިސަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.