ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރާއިރު، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު އާއްމު ކުރަން ޖެހޭ ގޮތަށް ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އެ ބިލަށް އިސްލާހު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މިގޮތުން ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ބިލުގައި މިހާރު ހިމަނާފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންތައްތަކެއް ހިމެނުމަށް އެދޭކަމަށެވެ.

އޭގެތެރޭގައި ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން، ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް، ހައުސިން މިނިސްޓްރީން ހިމަނަން ވާނެ ކަމަށާއި، އެ ލިސްޓުގައި ކުރިމަތިލާ މީހާގެ ފުރިހަމަ ނަން ދާއިމީ އެޑްރެސް، ޝަރުތުހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާ ނަމަ އޭގެ ސަބަބާއި، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލު ހިމަނަންވާނެ ކަމަށް ކުޑޫ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ކުޑޫ މި އިސްލާހު ހުށަހަޅާފައިވާއިރު، ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުގެ ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ޕޮއިންޓް ދިން ގޮތް ހާމަވެފައިނުވުމުން އެކަމާ ގުޅިގެން އާއްމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.