ރަޝިޔާ އާއި ޔުކްރެެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މުހިންމު މަޝްވަރާތަކާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބައްދަލު ކުރައްވައިފި އެވެ.
ޓްރަމްޕް އާއި ޕުޓިން ބައްދަލު ކުރައްވާފައި ވަނީ އެލަސްކާގަ އެވެ. ޕުޓިން އެލަސްކާ އަށް ވަޑައިގެންނެވުމުން، ރަސްމީކޮށް އޭނާ އަށް މަރުޙަބާ ވިދާޅުވީ ވެސް ޓްރަމްޕް އެވެ. އަދި އެއަށް ފަހު ދެ ރައީސުން ވަނީ ރަސްމީ ގޮތުން ބައްދަލު ކުރައްވައިފަ އެވެ.
ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމަ އަކީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ނުރައްކާތެރި ހަނގުރާމަ އެވެ. ގާތް ގަނޑަކަަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ޓްރަމްޕް އާއި ޕުޓިންގެ ބައްދަލު ކުރެއްވުމުން އެކަމަށް އިތުރަށް މަގު ފަހި ވެގެން ދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.
ޓްރަމްޕް އާއި ޕުޓިންއާ ދެމެދު ކުރިއަށް ގެންދާ މުހިންމު މަޝްވަރާ ތަކުގެ ދައުވަތު ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އަށް ދެއްވާފައި ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ މަޤުސަދަކީ ޔުކްރެއިންގެ ފަރާތުން ނިންމުންތަކެއް ނިންމުން ނޫން ކަމަށެވެ. އަދި މިވަގުތު އެންމެ މުހިންމު އެއް ކަމަކަށް އޮތީ، ރަޝިޔާ އާއި ޔުކްރެއިން އެއް މޭޒެއްގެ ދޮަށަށް ގެނައުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އޭނާ ބޭނުން ވަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޕުޓިން އާއެކު ބާއްވާ ބައްދަލުވުމުގެ ސަބަބުން އެކަން ޙާސިލު ނުވެއްޖެ ނަމަ، އޭނާ އުފާ ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ބޭނުން ވަނީ މިހާރު ހިނގަމުން އަންނަ މަރުތައް ހުއްޓުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ ސްކެރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި، ޓްރަމްޕްގެ ފަރާތުން ރަޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އެވެ. އަދި ރަޝިޔާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ، ފޮރިން މިނިސްޓާރު ސާގޭ ލަވްރޯވް އަދި ޕުޓިންގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ޕުޓިން އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، ދެން އެންމެ އިސްކަމެއް ދެއްްވާނީ ޔުކްރެއިންގެ ރައީސް ޒެލެންސްކީ ހިމެނޭ ގޮތުން، ޕުޓިން އާއި ޓްރަމްޕްގެ ބައްދަލުވުމެއް ބޭއްވުމަށް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، އެލަސްކާގައި ކުރިއަށް ގެންދެވޭ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، އެ ފަދަ ދެ ވަނަ ބައްދަލުވުމެއްގެ އުންމީދު އޮތް ކަމަށެވެ.
އެލަސްކާގައި ކުރިއަށްދާ ސަމިޓަށް ޕުޓިން ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ އާއި ޕުޓިންއާ ދެމެދު އޮތީ އިޙުތިރާމްގެ ގުޅުމެއް ކަމަށެވެ. އަދި ޕުޓިން އަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ގިނަ މަސައްކަތްތަކެއް ޕުޓިން ކުރައްވާފައިވާ ކަމަށާއި، އެކަންކަމަށް އޮތީ އިޙުތިރާމްކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކުގައި ކުރަން ހުރި މަސައްކަތް ވެސް މުހިންމު ކަމަަށެވެ.