ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅައިގެން 100 ނަސީބުވެރިންނަށް 1,000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޮގަސްޓް އިން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ސްޓޫޑެންޓް ކާޑަށް އެދޭ ހުރިހާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ މި ކާޑު 7 އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ އެވެ. އަދި ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ދަރިވަރުންގެ މެދުގައި މަގުބޫލް ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސް އިން އަބުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލް އިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ.