ހދ. ކުމުންދޫ ކައިރިން ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި އެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން، އެކަކު މަރުވެއްޖެ އެވެ.

ގަދައިގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާމަތްކޮށް ފަރުވާ ދެނިކޮށް ނިޔާވީ ދިވެއްސެކެވެ. އެއީ 66 އަހަރުގެ ފިރިހެނެކެވެ.

މިއީ ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުންދޫއަށް ދަތުރުކުރި ސަޕްލައި ދޯންޏެކެވެ. ދޯނި ބަންޑުން ޖަހާލުމުގެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ދޯނީގައި ތިބީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ. އެ މީހުން ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންދިޔަ ނަމަވެސް އެތަނުން އެކެއްގެ ހާލު ދަރެވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރު ވަނީ ނިޔާވެފަ އެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

ހދ. ކުޅުދުއްފުށިން ފުރައިގެން، ށ. ފުނަދޫ އަށް ދަތުރު ކުރަމުން ދިޔަ ދޯނި ބަނޑުން ޖަހާލާފައި ވަނީ ކުމުންދޫ ކައިރި އަށެވެ.

ޙާލު ދެރަވި ދެ މީހުން ފިޔަވައި ދެން ތިބި ދެ މީހުން، އެ ދޯނީގެ ވެރި ފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ، އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ ޚިދުމަތުގެ ފަރާތުން ބަލަމުން އަންނަ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަލާމުވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.