ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވެ، އެ މައްސަލަ ބަލަމުން ދަނިކޮށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކޮށްފި އެވެ.
މިއަދު 11:00 ޖަހާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ހާޒިރު ކުރަން ތަވާލުކޮށްފައިވާއިރު، ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ހަމަޖެއްސީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އެވެ.
މާލިއްޔަތު ކޮމިޓީން ވަކިކުރުމަށްފަހު އޭނާ އައްޔަނުކޮށްފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށެވެ.
ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ.
އޭގައިވާގޮތުުން، އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި ކަމަށާއި އަދި އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށެވެ.
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް ކަމަށާއި ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި ކަން ވަނީ ހާމަވެފަ އެވެ،
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކަ އެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.
މިކަމުގެ ތަހުގީގު ފަށާފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމާ ގުޅޭގޮތުން ޝުޖާއު ބުނީ އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގޭ ކަމަށެވެ.