ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގެ އިތުރުން މުވައްޒުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. މި ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން އެވެ.
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ބަޔާން ކުރާ ހަމަތަކަށް ނުފެތޭ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ ބިލު ފާސް ކުރާތާ ތިން މަސްދުވަސް ތެރޭގައި އެފަދަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން މި ހުށަހެޅީ، އެފަދަ ވާހަކަތަކެއް މީގެ ކުރިން ވެސް ދެކެވިފައިވަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުމުގެ ތުހުމަތު ކުރެއެވެ.
ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މި ސަރުކާރުން އުފެއްދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެއްވެސް ބާރެއް، މި އިސްލާހުތަކުގައި ވެސް ނެތެވެ.