ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ކުރިއަށް ދިޔަ ޑްރޯން ޝޯގައި ގިނަ އަދަދެއްގެ ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ފުުލުހުންނަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ތަހުގީގުކޮށްދޭން އެދި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ލީކުކޮށްލައިފަ އެވެ.
އެމްއޭސީއެލް ސީއީއޯ ފުލުހުންނަށް ފޮނުއްވި މި ސިޓީގައި ބުނެފައިވާ ގޮތުން ޑްރޯން ޝޯގެ ރިހާސަލް ކުރިއަށް ދިޔަ އެފަދަ މައްސަލައެއް ދިމައެއް ނުވެއެވެ. އެހެން ނަަމަވެސް ޝޯ ބޭއްވި ރޭ ޑްރޯންތައް ވެއްޓުނު އިރު އެއާޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ އެހެނިހެން މުވައްޒަފުންނަށް ވެސް ސިގްނަލް އާއި ނެޓްވޯކް ގެއްލުމުގެ މައްސަލަ ކުރިމަތިވިކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ސިޓީގައި ވެ އެވެ.
އެ ސިޓީގައި ބުނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބުނު ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށާއި އެމްއޭސީއެލުން ޒިންމާވާން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެތީ، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ފުލުހުންގެ ފަރާތުން އެދޭ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއެއްގެ އިތުރުން މާލެ ސަރަހައްދުގެ 19 ތަނެއްގައި ވަނީ އެއް ވަގުތެއްގައި ހަވާއަރުވައިފަ އެވެ.