ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެނެ ކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވްސް އިން ބުނެފި އެވެ.

ވީއައިއޭގެ އާ ޓާމިނަލް އާއެކު ލިބޭނެ ފަސޭހަތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނި, ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު ރެޕުން ތިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އާ ޓާމިނަލް ބޮޑުވުމުންނާއި ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުން ނުކުތުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެ, ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވީ, އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ފަތުރުވެރިން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އާ ޓާމިނަލްގެ ތަޖުރިބާ ހިއްސާކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލް ހާރިސް ވިދާޅުވީ އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ޓާމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އޮރާޓް ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓްރަޔަލްތައް މިހާރު ދަނީ ބާއްވަމުންނެވެ. މި ޓްރަޔަލްތަކުގައި އެއާލައިންތަކަށާއި އެއާޕޯޓް ރިޕްރެޒެންޓޭޓިވްސް އަށާއި ޓްރެވަލް އެޖެންޓުންނަށްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.