ރައްޖޭގެ ފަތުވެރިކަން ޕްރޮމޯޓް ކުރަން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ރައީސް މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.
މި ބަދަލު ގެނައިކަން އިއުލާންކޮށްފައި ވަނީ ރައީސްގެ ގަރާރަކުންނެވެ.
މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.