ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2025 (ޑީއެމްޖީސީ) މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޗެމްޕިއަންޝިޕްގައި، ފޯ-ގޭމް ފޯމެޓްގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޑީއެމްޖީސީގައި "ޕަބްޖީ"، "މޯބައިލް ލެޖެންޑްސް: ބޭންގ ބޭންގ" ގެ އިތުރުން މި ފަހަރުއަލަށް ތައާރަފްކުރާ "ރޮކެޓް ލީގް" އަދި "އެފްސީ 25" ވަނީ ހިމަނައިފަ އެވެ. މި ގޮތުން، މިޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައްކުރިއަށް ދާނެ އެވެ.

"ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އެފް.ސީ 25 ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިންގ އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާމަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެކެވެ.