ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލޭންޑް އޭވިއޭޝަނުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ކުންފުނީގެ އެތެރޭގެ އަދި ބައިނަލްއަގްވާމީ ހުރިހާ ދަތުރުތަކެއްގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކުރަން ނިންމައިފި އެވެ.
މި ނިންމުން ނިމިފައިވަނީ ޕަވާ ބޭންކުތަކާ ގުޅިގެން ހުރި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް އައިލޭންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ. މީގެ އިތުރުން، މި ފިޔަވަޅަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.
ޕަވާ ބޭންކު ގެންދެވޭނެ އަދަދަށް ބަދަލު ގެނެސްފައިވާއިރު، ކޮންމެ ފަސިންޖަރަކަށް ގިނަވެގެން ދެ ޕަވާ ބޭންކު ގެންދެވޭނެ އެވެ. ނަމަވެސް މި ތަކެތީގެ ކެޕޭސިޓީ 100Wh އަށްވުރެ މަތިވެގެން ނުވާނެ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ. ބޯޓުގެ ތެރޭގައި ޕަވާ ބޭންކު ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ވެސް މޯލްޑިވިއަނުން ވަނީ މައުލޫމާތު ދީފަ އެވެ. އެގޮތުން ޕަވާ ބޭންކު ބޯޓުގެ ތެރޭގައި އަމިއްލަ ހަށިގަނޑުގައި، ނުވަތަ ގޮނޑީގެ ޖީބުގައި، ނުވަތަ ގޮނޑީގެ ދަށުގައި ބަހައްޓަން ޖެހެ އެވެ.
ގޮނޑީގެ މަތީގައި ހުންނަ ރެކްތަކުގަޔާއި ޗެކްކުރާ ދަބަސްތަކުގައި ޕަވާ ބޭންކު ގެންދިއުން މަނާކޮށްފައިވެ އެވެ. މީގެ އިތުރުން، މަތިންދާބޯޓުގައި ދަތުރުކުރަމުންދާއިރު ޕަވާ ބޭންކު ބޭނުންކޮށްގެން އެއްވެސް އެއްޗެއް ޗާޖުކުރުމަށް ނުވަތަ ޕަވާ ބޭންކު ޗާޖުކުރުން ވެސް މަނާވާނެ އެވެ.
ޕަވާ ބޭންކުތައް ޝޯޓް ސާކިޓްވުން ނުވަތަ އެކްސިޑެންޓަލްކޮށް އެކްޓިވޭޓްވުން ހުއްޓުވުމަށް، އެ ތަކެތި ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި ނުވަތަ އެނޫން ގޮތަކަށް ޓާމިނަލްތައް އިންސިއުލޭޓްކޮށްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ފަހުން ދުނިޔޭގެ ބައެއް އެއާލައިންތަކުން ވެސް ވަނީ މަތިންދާބޯޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރު އެއާލައިންސް، ތައިވާންގެ އީވީއޭ އެއާ އަދި ތައި އެއާވޭސް ފަދަ އެއާލައިންތައް ހިމެނެ އެވެ.