ޑޮކްޓަރަށް ދައްކަން އިންޑިއާގެ ކޮޗިން އަށް ދިޔައިރު ގެންދިޔަ މެއިޑެއް 1،500 ޑޮލަރާ އެކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމަށް ދިމާވި މި ހާދިސާ ކިޔައިދެމުން އޭނާ ވިދާޅުވީ ޖޫން މަސްތެރޭގައި އިންޑިއާއަށް ދިޔައީ ބައްޕަގެ މުހިއްމު އޮޕަރޭޝަނެއް ކުރުމަށް ކަމަށެވެ.

އެހެންނަމަވެސް ނަޒްރާ ވިދާޅުވީ، ކަންދިމާކުރިގޮތުން އޮޕަރޭޝަންނުކުރެވި ދިގުލައިގެން ދިޔުމުން ބައްޕަގެ ކަންކަމުގައި އެހީތެރިވެ އުޅުމަށް އަންޖަން ކިޔާ ނޭޕާލުމީހެއް ރާއްޖެގެނެސް، މާގިނަ ދުވަހެއްނުވެ އިންޑިއާއަށް ދަތުރު ކުރީ އޭނާވެސް ގޮވައިގެން ކަމަށެވެ.

ކޮންމެ ރެއަކުވެސް ޑިއުޓީގައި ނަޒްރާ އާއި ދައްތަ އާއި މެއިޑް ތިބޭ ކަމަށާއި، އަންޖަން ފެންވަރާ ރީތިވުމަށް އެޕާޓްމަންޓަށް ފޮނުވާއިރު، ކަން ދިމާކުރިގޮތުން އެދުވަހު ދިޔަގޮތަށް އޭނާގެ ހަބަރެއް ނުވި ކަމަށް ނަޒްރާ ވިދާޅުވި އެވެ.

"ސީސީޓީވީ ފުޓޭޖު ބެލިއިރު ހަމަޖެހިލައިގެ ފިލަނީއެވެ. ދެން އަތްދަބަސް ބެލިއިރު އޭނާވަނީ ބޭސްފަރުވާގެ ކަންކަމަށް ގެންދިޔަ ފައިސާއިން ގިނަ އަދަދެއް ހިފައިގެން ފިލާފައެވެ." ނަޒްރާ ވިދާޅުވި އެވެ.

މިއާއެކު ނަޒްރާ ވަނީ މިކަން އިންޑިއާގެ ފުލުހަށް ހުށަހެޅުމާއެކު ވަރަށް ގާތުން އޭހާމެ އަވަހަށް ބައްލަވާދެއްވީތީ އިންޑިއާގެ ސަރުކާރަށް އަދި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

https://web.facebook.com/share/p/15pMKhLvpk/

މޮބައިލް ފޯނު ޓްރެކް ކޮށްގެން އިންޑިއާގެ ފުލުހުން އޭނާ ދެ ދުވަސް ފަހުން ހޯދިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ މުމްބާއީގެ ބޭރުގައި އޮންނަ ސިޓީއެއް ކަމަށްވާ ތާނޭ އިންނެވެ.

އޭނާ ފެނުނީ އެތަނުގައި ރިސޯޓެއްގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް ކަމަށާއި، އޭނާ ވަގަށްނެގި ޑޮލަރުގެ އެއްބައި ބޭނުންކުރުމަށްފަހު އަނެއްބައި ނޭޕާލަށް ފޮނުވާލި ކަމަށް އޭނާ އެއްބަސްވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.