ސީރިއަސް މައްސަލަތަކަކާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިޔުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކޮށްފި އެވެ.
އެލްޖީއޭ އިން މިއަދު ނިންމީ މުސާރަ ނުލިބޭގޮތަށް ދެ މަސް ދުވަހަށް މޭޔަރު ސައުދު އަދި ޑެޕިޔުޓީ މޭޔަރު ނަސްރުﷲ އެއް މަސް ދުވަހަށް ސަސްޕެންޑު ކުރުމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެ ދެ ބޭފުޅުން ސަސްޕެންޑުކުރަން އެލްޖީއޭގެ ބޯޑުން ނިންމީ އެ ކައުންސިލާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓަށް ރިއާޔަތްކޮށް ކަމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ކައުންސިލަރު އައިޝަތު ލިޔުޝާ ޒުބައިރު ފިޔަވައި ހުރިހާ ކައުންސިލަރުން ވަނީ ސިޓީ ކައުންސިލަކަށް ބަދަލުނުވަނީސް ސިޓީ ކައުންސިލްގެ މެންބަރު ކަމުގެ މުސާރަ ނަގާފައެވެ. އެހެންވެ އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން އެލްޖީއޭ އިން ވަނީ އަންގާފަ އެވެ.
އެލްޖީއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން، ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ ހިމެނެ އެވެ.
ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ. ގެ ފީއެއް ނަގާތީ އެ ފީ ނެގުން ހުއްޓާލުމަށް އެލްޖީއޭއިން އެންގުމުން އެ އަށް އަމަލު ނުކުރާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް ތިނަދޫ ކައުންސިލުން އަމަލުނުކުރާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.