އިޒްރޭލަށް އަންނަ ހަމަލާތަކުން އެމީހުން ސަލާމަތްކުރާކަމަށް ޔަހޫދީން ފަހުރުވެރިވާ ދިފާއީ ނިޒާމު ނުވަތަ އަޔަން ޑޯމުން މިސައިލް އިންޓަސެޕްޓާ ހުސްވުމާ ގާތްވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއާއެކު އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާ ބެލިސްޓިކް މިސައިލްތަކުން އެގައުމު ދިފާއު ކުރެވޭނެ ކަމާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނުން ކެނޑިނޭޅި އިޒްރޭލަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އެގައުމުގެ ދިފާއީ ނިޒާމަށް ވަނީ މިހާރުވެސް ބާރުބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން އެ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާތީ ފަހަކަށް އައިސް އީރާނުން ފޮނުވާ ގިނަ ހަމަލާތައް ޔަހޫދީން ވެރިވެގެންފައިވާ ބިމަށް ދަނީ އަމާޒުވަމުންނެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން ބިނާ ކުރި މި ނިޒާމަކީ ދިގު ރާސްތާ އަށް ދަތުރުކުރާ ބެލިސްޓިކް މިސައިލް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމަކަށްވީ ނަމަވެސް އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދުގައި އީރާނުން ފޮނުވި މިސައިލްތަކާއި ޑްރޯންތަކުގެ ތެރެއިން 370 އަށް ވުރެ ގިނަ ހަމަލާ ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުވެފަ އެވެ.
ޔަހޫދީންނަށް މަދަދުވެރިވާ އެމެރިކާ އިން ވެސް އެމީހުން ބޭނުންކުރާ ގިނަ އަދަދެއްގެ މިސައިލް އިންޓަސެޕްޓާ އިޒްރޭލަށް ފޮނުވާލާފައިވާއިރު، މިފަހަރު އެމެރިކާ އަށް ވެސް ިއޒްރޭލު ދިފާއުކުރަން މާބޮޑު އެހީއެއް ނުވެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބެލެވޭ ގޮތުގައި އިޒްރޭލަށް އަންނަ ހަމަލާތައް ދިފާއު ކުރެވޭނީ 10 ވަރަކަށް ދުވަސް ވަންދެންނެވެ. އެއަށްފަހު އެމީހުން ދިފާއީ ނިޒާމުގެ ގާބިލުކަން ގެއްލޭނެ އެވެ.