ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން އާއި އޭނާގެ ކޮއްކޮ އަލްވީރާ ހާން އަގްނިހޯތުރީގެ އިތުރުން 'ސްޓައިލް އެންޑް ކޮންޓެންޓް ޖުވެލަރީ' ކުންފުނީގެ ޑައިރެކްޓަރުން ކޯޓަށް ހާޒިރުވުމަށް އިންޑިއާގެ ޗަންދީގަރް ކޯޓަކުން އަމުރު ނެރެފި އެވެ.
މި އަމުރު ނެރެފައިވަނީ ސަލްމާންގެ "ބީންގް ހިއުމަން" ބްރޭންޑްގެ ޖުވެލަރީ ޝޯރޫމަކާ ގުޅޭގޮތުން ހުށަހެޅުނު މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެންނެވެ. މައްސަލައިގައި ދައުވާ ލިބޭ އެންމެން އަންނަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް ވަނީ އެންގިފަ އެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޗަންދީގަރްގެ ވިޔަފާރިވެރިއެއް ކަމަށްވާ އަރުން ގުޕްތާ އެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި، މަނިމަޖްރާގައި "ބީންގް ހިއުމަން" ޖުވެލަރީ ޝޯރޫމެއް ހުޅުވުމަށްޓަކައި ދެއްކި ދޮގު ވާހަކަތަކަކަށް ހައްލެވިގެން އޭނާ ވަނީ ތިން ކްރޯޑު ރުޕީސް އިންވެސްޓް ކޮށްފަ އެވެ.
މި ވިޔަފާރި ހިންގުމަށްޓަކައި "ބީންގް ހިއުމަން" ބްރޭންޑްގެ ލައިސަންސް އޮންނަ 'ސްޓައިލް އެންޑް ކޮންޓެންޓް ޖުވެލަރީ' ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށާއި، ޝޯރޫމް ތައްޔާރު ކުރުމަށް އެކަނިވެސް އެއް ކްރޯޑު ރުޕީސް ހަރަދުކުރި ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތަށް ކުންފުނީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދީފައިނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އަރުން ފާހަގަކުރި ގޮތުގައި، އެ މައްސަލަ ބޮޑުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަކެތި ފޯރުކޮށްދޭ ގުދަން ބަންދު ކުރުމުންނެވެ. އޭގެ ސަބަބުން ގަވާއިދުން ޖުވެލަރީ ނުލިބި، އޭނާގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މީގެ އިތުރުން ޝޯރޫމް ހުޅުވައިދޭނީ ސަލްމާން އަމިއްލައަށް ކަމަށް ޔަގީންކަން ދިން ނަމަވެސް، ހުޅުވުމުގެ ރަސްމިއްޔާތަށް އައީ ސަލްމާންގެ ޅިޔަނު އާޔުޝް ޝަރުމާ ކަމަށްވެސް އޭނާ ތުހުމަތުކުރި އެވެ.
ނަމަވެސް، އެ ކުންފުނީގެ ފަރާތުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. ކުންފުނިން ބުނި ގޮތުގައި 2018 ވަނަ އަހަރު ވިޔަފާރިވެރިޔާއާއެކު ވެވުނު އެއްބަސްވުމުގައި ސަލްމާންގެ އެއްވެސް އަމިއްލަ ބައިވެރިވުމެއް ނެތެވެ.
ސަލްމާން ޚާން ފައުންޑޭޝަނުން "ބީންގް ހިއުމަން" ބްރޭންޑް ނަން އެ ކުންފުންޏަށް ލައިސަންސް ކޮށްދިނީ 2015 ވަނަ އަހަރު ކަމަށާއި، ޖުވެލަރީ ވިޔަފާރި ހިންގުމާއި ވިއްކުމުގެ މުޅި މަސްއޫލިއްޔަތު އޮތީ އެ ކުންފުންޏަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ އަޑުއެހުން އޮކްޓޯބަރު 5 ގައި އޮންނައިރު، ސަލްމާންއާއި އަލްވީރާގެ އިތުރުން މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީވާން ޖެހޭނެ އެވެ.
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު