ކާތަކެތީގެ އަގު މިދިޔަ މަހު 5.89 ޕަސެންޓަށް އުފުލިއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި 'އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި)' ރިޕޯޓުން ދައްކާ ގޮތުގައި، ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގު މިދިޔަ ޖުލައި މަހު ވަނީ 5.89 ޕަސެންޓް އުފުލިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު އަސާސީ ތަކެތީގެ އަގުތައް ޖުމްލަ 6.07 އިންސައްތައިން މައްޗަށް ޖެހިފައިވާއިރު، އެއްގަމު މަހުގެ އަގުން އެކަނިވެސް ވަނީ 21.43 ޕަސެންޓް އިތުރުވެފަ އެވެ.

އާންމުންގެ އާއިލީ ބަޖެޓަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ވަނީ އެއްގަމު މަހާއި ބުއިންތަކުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުންނެވެ. އެގޮތުން ކޮފީއާއި ސައި ފަދަ ބުއިންތަކުގެ އަގު 20.20 އިންސައްތައިން އުފުލިފައިވާއިރު، ކައްކާ ގޭހުގެ ބާވަތްތަކުގެ އަގު ވަނީ 14.54 އިންސައްތައިން މައްޗަށް ގޮސްފަ އެވެ.

މީގެ އިތުރުން ހަކުރާއި ޖޭމު އަދި ޗޮކްލެޓް ފަދަ ތަކެތީގެ އަގު 10.73 އިންސައްތައިން، ކިރާއި ކިރުގެ ބާވަތްތަކާއި ކުކުޅުބިހުގެ އަގު 9.48 އިންސައްތައިން، އަދި ކައްކާ ތެލުގެ އަގު 9.26 އިންސައްތައިން މައްޗަށް ގޮސް، އާންމުންގެ ދިރިއުޅުމުގެ ހަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އެމްބީއެސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ކާތަކެތީގެ އަހަރީ އިންފްލޭޝަން 5.89 އިންސައްތައިގައި އަދި ބުއިންތަކުގެ އަހަރީ އިންފްލޭޝަން 5.75 އިންސައްތައިގައި ހުރިއިރު، މުޅި އިންޑެކްސްގެ 70.94 އިންސައްތައަކީ ކާތަކެތީގެ ހިއްސާ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މުދާ އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައިވެސް އަސާސީ ތަކެތީގެ އަގުތައް މަތީގައި ހިފެހެއްޓޭނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ.