ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރު ގަޑީގެ މަސައްކަތަށް އުޖޫރަ ދިނުމާގުޅޭ އުސޫލުތައް މުރާޖައާކުރުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

މި ގަރާރުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ސިއްހީ ދާއިރާގެ މަސައްކަތްކުރާ އެކިއެކި ޓެކްނިކަލް ގިންތިތަކުގައި ހިމެނޭ ފަރާތްތައް ނިސްބަތްވާ 63 ގިންތިއެއްގެ މުވައްޒަފުން ފިނޭންސް މިނިސްޓްރީގެ ހެލްތު ޖޮބްމެޓްރިކްސްގެ އުސޫލަށް ހިޖުރަކުރުވާ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު އެހެން ދާއިރާތަކާއެއް ހަމަކުރުމަށް އާ ޕޭ ޕްރޭމްވޯކެއް ތައާރަފުކުރެވުނު ކަމަށެވެ.

އާ ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ 10 ޕަސަންޓަށް ވުރެ އިތުރު ނުވާނެ ގޮތަށް ކަމަށްވީ ނަމަވެސް މި ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއްކަމަށް އަމީން ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަތް ކުރުވުން މަނާވެފައިވީނަމަވެސް ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާއެކު ސިއްހީ މަސައްކަތްތެރިންގެ ގިނަ ފަރާތްތަކެއް ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހިފައިވާކަމަށް ގަރާރުގައިވެ އެވެ. އަދި ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ކަމަށްވެސްވެ އެވެ.

ގަރާރުގައި ވަނީ މި ދެ ދާއިރާގެ މުވައްޒަފުން އިތުރުކުރުމަކީ މިކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅެއްކަން ފާހަގަކޮށް މި ގަރާރުގައި ބުނެފައިވަނީ ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންގްއަށް ވުރެ އިތުރަށް އެއްވެސް ފަރާތެއްލައްވާ މަސައްކަތްކުރުވަންޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމުކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލުވާނެކަން ވަޒީފާއާ ބެހޭ ގާނޫނުގައިި ބަޔާންކޮށްފައިވާކަމަށާއި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަންޖެހޭކަމަށް ވެސް މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

އެހެންކަމުން މި ދެ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދާ، އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.