ފެންޓޮނޯއީގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓިފައި ވަނިކޮށް ފެނުނު ހައްވާ ޔުމްނު ރަޝީދު ވައްޓާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި ބުރަވެވެނީ ވެއްޓުނީ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓް މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.
ތަހުގީގު ރިޕޯޓްގައި ވަނީ ލިބިފައިވާ ހެކިތަކަށް ބަލާއިރު، ގަސްދުގައި ޔުމްނު ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި އެ ހެކިތަކަށް ބަލާއިރު، ބުރަވެވެނީ ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
ފެންޓޮނޯއީގޭގެ ނުވަ ވަނަ ފްލޯގައި ކެމެރާ ނެތުމުން ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް ލިބެން ނެތް ކަމަށެވެ. ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އެ ރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލާ ސުވާލުކުރުމުން އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދީފައިވެއެވެ. ލިބިފައިވާ ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ކޮމިޝަނުން ނިންމީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ނެތް ކަމަށެވެ.
ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނި ކަމަށް ވެސް އެފަދައިން ބަލަންޖެހޭ ސަބަބުތަކާއެކު އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
- ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން
- ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
- ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގެން އޮންނަ ކަން
- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
އެހެންކަމުން ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ބަލަންޖެހޭ ސަބަބަކީ ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުންނާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ކަށަވަރުވާތީ ކަމަށް ތަހުގީގު ރިޕޯޓްގައިވެއެވެ.