ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެ ރައްދު ދިނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލިއާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އެކްސްގައި މުސްތަފާ ވިދާޅުވީ "މުހައްމަދާ… ލައްކަ ޓުވީޓު ކުރިޔަސް ޓެރަރިޒަމްގެ ދައުވާ ނުނަގާނެ. އެއީ މުހައްމަދުގެ ފައިގަ އަޅުވާފަ އިންނަ ޓެގު، އިތުބާރު ނުކުރާތީ. އެ ޓެގު ނައްޓާނުލާނެ." ކަމަށެވެ.
ކުރިން ރައީސް ޔާމީނަށް ވާފަތެރިކަމަށް ހެދިގެން އުޅުނު މެންބަރު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން 21 ގައި، އިންޑިއާ ހައި ކޮމިޝަނުން މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ޑޭ ގައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި މެންބަރު މުހައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޔޯގާ ޑޭގެ ހަރަކާތަށް ހަމަލާދިނުމަށް އެހީތެރިވެދިނުމުގެ ތުހުމަތުގަ އެވެ.
މިހާރު ރައީސް މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ސަނާ ކިޔާ މުހައްމަދު ވަނީ އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާނެ ކަމަށް އެކްސްގައި ވިދާޅުވެފައިވެ އެވެ.
މެންބަރު މުހައްމަދު ވިދާޅުވީ މި މައްސަލައަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، މި ދައުވާ 100 ޕަސެންޓް ސާބިތުނުވާނެ ކަމަށެވެ.
މި މައްސަލައަކީ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އަދި އެމްޑީޕީގެ އިސްވެރިން ބިރުދެއްކުމަށް ހިންގި ޖަރީމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ މިހާރު އޮތީ ކްރިމިނަލް ކޯޓުގައި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މި މައްސަލަ މިހާރު ކުރިޔަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އަދި އޭނާ ރައީސް މުއިއްޒަށް ސަނާ ކިޔައި ހަދަނީ މި މައްސަލައިގެ ސަބަބުން ތާށިވެފައިވާތީ އެވެ.