ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްދެކެ އަދިވެސް ވަރަށް ލޯބިވާ ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ މައިލީ ސައިރަސް ބުނެފި އެވެ.
މިފަހުން ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މައިލީ ވަނީ އޭނާއާއި ނިކްގެ ގުޅުމަށް އަލިއަޅުވާލައި ނިކްއާމެދު އޭނާ ދެކޭގޮތް ހިއްސާ ކޮށްފަ އެވެ.
މައިލީ ބުނީ އޭނާއަށް ނިކް ވަރަށް ކަމުދާ ކަމަށާއި އަދިވެސް އޭނާދެކެ ލޯބިވާ ކަމަށެވެ. އެހެން ނަމަވެސް ނިކްއަކީ މިހާރު އާއިލާއެއް ފަށައިގެން އުޅޭ މީހެއް ކަމަށް ވެސް މައިލީ ބުންޏެވެ.
އެގޮތުން ދިރިއުޅުމުގައި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށާއި މާޒީއިން އަރައިގަނެ ކުރިއަށްދާން މަސައްކަތްކުރާ ކަމަށް ވެސް މައިލީ ބުންޏެވެ.
މައިލީއާއި ނިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2006 ން 2007 އަށެވެ. އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު 2009 ވަނަ އަހަރު އެ ދެތަރިން އަނެއްކާ ވެސް ގުޅުނު ކަމަށް ހަބަރުތައް ފެތުރުނެވެ.
މައިލީ ބުނީ އެ ދެމީހުން ރުޅިވާން ޖެހުނީ ނިކް އޭނާއާ ނުލާ ޓުއާތަކަށް ދާން ނިންމުމުން ކަމަށާއި އެ ޓުއާތަކުގައި ބައިވެރިވާން އޭނާ ބޭނުންވި ކަމަށެވެ. މައިލީއާއި ނިކްއަކީ 2000ގެ އަހަރުތަކުގައި ޑިޒްނީގެ ޕްރޮޖެކްޓްތަކުގައި އެއްކޮށް މަސައްކަތްކުރި ދެ ތަރިންނެވެ.
ނިކް މިހާރު އުޅެނީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއާ ކައިވެނި ކޮށްގެންނެވެ. އެ ދެމީހުންނަށް 2022 ވަނަ އަހަރު ދަރިއަކު ވެސް ލިބިފައިވެ އެވެ.