ތަގުވާރިވެ، އެއްބައިވަންތަކަން އިސްކޮށް ފަލަސްތީނަށް އެހީވުމަށް ހައްޖު ހުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.
ހައްޖު ހުތުބާ އިއްވަވަމުން ކައުބަތުﷲ ގެފުޅުގެ އިމާމު ޝައިޚް ޑރ.ޞާލިޙް ބިން ޢަބްދުﷲ ބިން ހުމައިދު ވިދާޅުވީ ނަމާދަކީ މުއުމިނަކާއި الله އާ ދެމެދު އޮންނަ ގުޅުމެއް ކަމަށާއި ޖަމާއަތުގައި ކުރާ ނަމާދަކީ މުޖުތަމައުގެ ތެރޭގައި ހަމަޖެހުމާއި ލޯބި އުފެއްދޭ ކަމެއް ކަމަށެވެ.
ޒަކާތަކީ، ފަގީރުންނަށް އެހީތެރިވެދީ، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމުގެ ވަސީލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޞާލިޙް ވަނީ މައިންބަފައިންނާއި، ޔަތީމު ކުދިންނާއި، ހާލުގައި ޖެހިފައިވާ މީހުންނާއި، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް އިލްތިމާސް ކުރައްވާފަ އެވެ. އޭނާ ވަނީ މުސްލިމުންނަށް އެމީހުންގެ ވައުދުތަކަށް އިހުތިރާމްކޮށް، ތެދު ވާހަކަ ދައްކައި، ހައްގުވެރިކަން ދަމަހައްޓަން ހަނދާންކޮށްދެއްވާފަ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހެޔޮކަމާއި ނުބައިކަމަކީ ހަމަހަމަ އެއްޗެއް ނޫނެވެ. ގޯސްތަކަށް ހެޔޮގޮތުގައި ރައްދުދިނުމަކީ ދުޝްމަނުން ގާތް އެކުވެރިންނަށް ބަދަލުކުރެވޭނެ ކަމެއް ކަމަށް އިމާމު ވިދާޅުވިއެވެ.
އިމާމު އިޢުލާން ކުރެއްވީ އަޅުކަން ކުރުން ޙައްޤުވަނީ ހަމައެކަނި الله އަށް ކަމަށާއި، އެއްވެސް ނަބިއްޔަކަށް ނުވަތަ ސާހިބާއަކަށް އަޅުކަން ކުރަން ހައްގު ނުވާ ކަމަށެވެ.
އިމާމު ވިދާޅުވީ ކީރިތި ރަސޫލާ ފޮނުއްވީ އިންސާނުންނަށް ރަޙްމަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަލޭގެފާނު މުސްލިމުންނަށް ގޮވާލެއްވީ ތަޤްވާވެރިވުމަށާއި الله އަށް ބިރުވެތިވެ، ދުއާކޮށް އެކަލާނގެ ހަޒްރަތަށް ރުޖޫއަވުމަށް ކަމަށް އިމާމް ވިދާޅުވި އެވެ.
އާޚިރަތުގައި ސަލާމަތާއި ކާމިޔާބީ ބިނާވެފައިވަނީ އީމާންކަމުގެ މައްޗަށް ކަމަށާއި، ތަގްވާއަކީ ދުނިޔޭގައިވެސް އަދި ދެން އޮތް ދުނިޔޭގައިވެސް ހެޔޮކަން ގެނެސްދޭ އެއްޗެއް ކަމަށެވެ.
"އޭ الله، އަޅުގަނޑުމެންގެ ވެރިންނަށް ހިދާޔަތް ދެއްވައި، އެމީހުންގެ ދުޝްމަނުންނާއި ކަލޭގެފާނުގެ ވެރިންނާ ދެކޮޅަށް އެހީތެރިވެދެއްވާ. އެމީހުންގެ ބަނޑުހައިހޫނުކަމަށް ކާންދެއްވައި، އެމީހުންގެ ދުޝްމަނުންގެ ނުބައިކަމުން ހިޔާވަހިކަން ދެއްވުން،" އިމާމު ވިދާޅުވި އެވެ.
އަދި ހައްޖުގެ ދަތުރު ފަހިކޮށްދިނުމާއި، ހައްޖުވެރިންނަށް އަޅާލުމުގައި ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
ހައްޖަކީ އާޚިރަތުގެ ބާރުގަދަ ހަނދާންތަކެއްކަން އިމާމް ހަނދާންކޮށްދެއްވި އެވެ.
ގާތްގަނޑަކަށް ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ހައްޖުވެރިން ވަނީ މީނާގައި ޖަމާވެފަ އެވެ.
އިސްލާމްދީނުގެ ފަސް ތަނބުގެ ތެރެއިން އެއް ތަނބު ކަމަށްވާ ހައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މައްކާއަށް ދެ އެވެ.