މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން ވެސް މިނާއަށް ހިނގައްޖެ އެވެ.
ހައްޖުވެރިން މިނާއަށް ދިޔައީ ރޭގެ ވަގުތެއްގަ އެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ 1،000 ހައްޖާޖީން، ހޮޓަލުން މިނާއަށް ދަތުރުކުރީ 21 ބަހުގަ އެވެ. މިވަގުތު ހުރިހާ ހައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
މިއަހަރު ހުރިހާ ދިވެހި ހައްޖާޖީން ތިބޭނީ ދިވެހީންނަށް ހާއްސަ ފޭލިގެތަކުގަ އެވެ. އެހެން އިތުރު އެއްވެސް ގައުމެއްގެ ހާޖީންނެއް އެތަނުގައި ނުތިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ހައްޖުވެރިންނަށް ދެނީ، މީގެ ކުރިން ދިވެހި ހާޖީންނަށް ދެމުންދިޔަ ސީ ކެޓަގަރީގެ ހިދުމަތުގެ ބަދަލުގައި ބީ ކެޓަގަރީގެ ހިދުމަތް ކަމަށެވެ.
މިއަހަރު ޙާޖީންގެ ފޭލިގެތަކުގައި ތިބުމުގެ އިންތިޒާމުތަކުގެ އިތުރުން، ކެއުމުގެ އިންތިޒާމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މީގެ ކުރިން ޕާރުސަލުތަކުގައި ހާޖީންނަށް ކެއުން ބެހި ނަމަވެސް، މިއަހަރު އޮންނާނީ ބުފޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން ކޮންމެ ވަގުތަކު ވެސް ހާޖީން ބޭނުންވެއްޖެނަމަ ކެވޭނެ އިތުރު އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. އެގޮތުން ފޭލިގެތަކުގެ އެތެރޭގައި ހުރިހާ ވަގުތަކު އައިސްކްރީމާއި، އެނޫން ވެސް ކެއުންތަކާއި ބުއިންތައް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރު ދިވެހި ހައްޖާޖީން ބޭނުންކުރާނީ ދިވެހިންނަށް ހާއްސަ ފާޚާނާތައް ކަމަށެވެ.
މިނާގައި ހައްޖާޖީން މިއަދު މަޑު ކުރުމަށްފަހު މިރޭ ދަތުރުކުރާނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ހައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސް ވެސް ހޭދަކުރަނީ މިނާގަ އެވެ.