ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ބޮޑު ވަފުދަކާއެކު ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްއާއެކު ކެބިނެޓް މިނިސްޓަރުން ހިމެނޭގޮތަށް ސަރުކާރުގެ ބޮޑު ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެ އެވެ. އެގޮތުން ރައީސް އޮފީހުން ބުނީ މި ވަފުދުގައި ހިމެނޭ އެންމެން ސައުދީގައި ތިބުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައި ކަމަށެވެ.

މި ވަފުދުގައި ހިމެނެނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުގެ ދެކަނބަލުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެ ކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝެއިހް މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ އެވެ.

ރާއްޖެއަށް ލިބޭ މަދު ހައްޖު ކޯޓާގެ ސަބަބުން ހައްޖަށް ދިއުމަށް ފައިސާ ދައްކައި ކިއުގައި ގިނަ ދުވަސްތަކެއް ތިބެން ޖެހޭ ކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެ އެވެ. ނަމަވެސް ސަރުކާރުން ވަނީ މި މައްސަލައަށް ހައްލުގެނެސް ގިނަ ބަޔަކަށް ހައްޖަށް ދެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ބުނެފަ އެވެ.

މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. މިހާރު ދިވެހި ހައްޖުވެރިން ތިބީ ސައުދީގަ އެވެ.