އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު "ޔޫކޭ- މޯލްޑިވްސް ޑަޔަލޮގު"ގެ ނަމުގައި ބާއްވާ މަޝްވަރާތަކުގައި އިމިގްރޭޝަންގެ ބައެއް މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ދިވެހިންނަށް ދިމާވާ ވިސާގެ މައްސަލަތައް ހިމެނޭހެން އެކަންކަމަށް ހައްލު ހޯދަން ދެ ގައުމުން ވެސް މަސައްކަތް ކުރަން އެ ބައްދަލުވުމުގައި އެއްބަސްވި ކަމަށެވެ.
އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހިންނަށް ހަ މަހުގެ ވިސާއެއް ލިބެ އެވެ. އެކަމަކު، އިނގިރޭސިވިލާތުގެ އާ ސަރުކާރުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލުތަކާއެކު، ބައެއް މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ކިޔަވަންދާ ދަރިވަރުންގެ ޑިޕެންޑަންޓުންނަށް ވިސާ ނުލިބުން ހިމެނެ އެވެ.
މީގެ އިތުރުން ވެސް މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތައް ކިޔަވަންދާ ދަރިވަރުންގެ އަދަދު އިތުރުވާކަން ފާހަގަކޮށް، ދަރިވަރުންނަށް ޝެވެނިން އަދި ކޮމަންވެލްތު ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރު ކުރުމަށާއި، ސަރަހައްދީ ސަލާމަތާ ގުޅޭ ކަންކަމާއި އެކްސްޓްރީމިޒަމް އާއި ކައުންޓާ ޓެރަރިޒަމް އާއި ރޭވިގެން ހިންގާ ކުށްތަކާ ގުޅޭ ގޮތުން ވެސް އިއްޔެ ވަނީ މަޝްވަރާކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން މަޝްވަރާ ކުރި ކަމަށާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއްގައުމުގެ ގޮތުގައި އޮތް އިނގިރޭސިލާތާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާމެދު ވެސް ވާހަކަ ދެކެވުނު ކަމަށެވެ.