ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓެއްގެ ގޮތުގައި ދޫކޮށްފައިވާ ފްލެޓަކުން ކުލީގެ ގޮތުގައި 1 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ އެ ފްލެޓާ ހަވާލުވީ ފަހުން، މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް މިހާތަނަށް 1،115،769.73 ރުފިޔާ ނުދައްކާ އޮތް ކަމަށާއި މިއީ އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ތެރެއިން އެއް ޔުނިޓަކުން ނުދައްކާ އޮތް ބޮޑު އަދަދު ކަމަށެވެ.

ފޭސް އެކަކާއި ފޭސް ދެއަކުން ޖުމްލަ 8،511 ފްލެޓަކުން އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާއިރު، އެ ކޯޕަރޭޝަނުން ބުނީ އެ އަދަދުގެ ތެރެއިން ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށެވެ.

ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިއާއެކު މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް އެތަންތަނުން ކުލީގެ ގޮތުގައި އެޗްޑީސީއަށް ލިބެންޖެހޭ 728،193،616.18 ރުފިޔާ ނުލިބިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހައުސިން ޔުނިޓާ ހަވާލުވުމަށްފަހު ގަވައިދުން ކުލި ނުދެއްކުމުގެ މައްސަލަ އަކީ ބޮޑު މައްސަލައަކަށްވާއިރު، ސަރުކާރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި ކުޑަކޮށްފައިވާއިރު، ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކުވެސް 20 ޕަސަންޓު ޑިސްކައުންޓެއް ލިބިގެންދެ އެވެ.