ހުޅުމާލޭގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެނގިއްޖެ އެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗު ސަރަޙައްދުގަ އެވެ. އަދި މިރޭ 8:00 ގައި ހަވާ އަރުވާނެކަމަށް އެނގިފައިވެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ހިންގާ ހާއްސަ ހަރަކާތެކެވެ.
މި ހަރަކާތުގައި ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓުގެ މުއްދަތަށެވެ.
ސިފްކޯއިން ހާއްސަ ހަރަކާތްތަކާއި ގުޅިގެން ވިޔަފާރި އުސޫލުން ހަވާ އެރުވުން ކުރިއަށް ގެންދަމުންދާކަން ފާހަގަކުރެވެ އެވެ.
ދިވެހީންގެ ބޭނުމަކަށް ނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
ދިވެހީންގެ ބޭނުމަށް ހަވާ އަރުވާނަމަ ފައިސާ ދައްކަން ޖެހެނީ ރުފިޔާ އިންނެވެ.