މީހެއްގެ ލޯބިވެރިޔާ އާއި ކުރީގެ ފިރިމީހާއާ ދެމެދު ހިނގި މާރާމާރީއެއްގައި އެކެއް ބޯ ފަޅައިގެން ހިނގައްޖެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިނގީ މިއަދު 1:00 ހާއިރު ހުޅުމާލެ ބްރެވިމަގުގައި ހުރި ލޮޓެއް ކައިރީ ކަމަށެވެ.
ފުލުހުން ސީންއަށް ގޮސް ބެލިބެލުމުން އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ހިނގި މާރާމާރީއެއްގައި އާއިލާގެ އިތުރު ބަޔަކު ބައިވެރިވެ، ހަމަނުޖެހުން ހިންގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެންގޮސް ތަފާތު ކުދި އަނިޔާ އެ ދެ މީހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.