ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ހަތް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
ފަޒީލް ސަސްޕެންޑްކޮށްފައިވަނީ އިއްޔެ ރޭ 10:00 ހާއިރު ފޯނުން ގުޅައި އަންގާފައިކަމަށް އޭނާ ނޫސްތަކަށް މައުލޫމާތުދީފައިވެ އެވެ.
ފަޒީލް ބުނިގޮތުގައި އޭނާ ސަސްޕެންޑްކުރި ސަބަބު ސާފުކޮށް އަންގާފައެއް ނުވެ އެވެ. ނަމަވެސް ސަސްޕެންޑްކުރީ، ބްރޯޑްކޮމްގެ ސާވަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒީލް ސަސްޕެންޑްކޮށްފައިވަނީ ބްރޯޑްކޮމްގެ މެންބަރުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ. އެ ޕެޓިޝަނުގައި ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެފައިވެ އެވެ.
ފަޒީލް ސަސްޕެންޑްކުރުމުގެ ކުރިން ބްރޯބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް ވަނީ 96 ގަޑިއިރަށް ސަސްޕެންޑްކޮށްފަ އެވެ. މި ދެ މުވައްޒަފުން ސަސްޕެންޑްކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ އިއްޔެ ހަޅުތާލުކޮށްފަ އެވެ.
ހަޅުތާލުކުރި ފަހުން ފުލުހުން ވަނީ ބްރޯޑްކޮމަށް ގޮސްފަ އެވެ. ފުލުހުން ބުނީ ސާވަރުގެ މައްސަލައެއް ހައްލުކުރުމަށް އެހީތެރިވުމަށް ކަމަށެވެ. ނަމަވެސް ފަޒީލް ވިދާޅުވީ ފުލުހުން އެތަނުގައި ހިންގީ ތަހުގީގެއް ކަމަށެވެ.