ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ޚާއްސަ ސަމިޓެއް ބޭއްވުމަށް ނިންމައިފި އެވެ.

މިސަމިޓު އޮންނާނީ މިމަހުގެ 9 އިން 11 އަށް ބާސެލޯ ނަސަންދުރާގަ އެވެ.

"ދިވެހިރާއްޖެ 2.0" ގެ ނަމުގައި ސަރުކާރުން ވަނީ މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ ތަސައްވުރެއް އެކުލަވާލައި މީޑިއާ ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

މިމަސައްކަތް ކުރުމަށް، ސަރުކާރުން ވަނީ ދައުލަތުގެ އެކި މުޢައްސަސާތައް ޑިޖިޓަލައިޒް ކުރެވިފައިވާ މިންވަރު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މިހާރުވެސް ދައުލަތުގެ އެކި ޚިދުމަތްތައް ދިނުމަށް 200 އެއްހާ ޕޯޓަލް ހަދާފައިވާއިރު، މީގެއިން ބައެއް ޕޯޓަލްތަކަކީ މަދުދުވަސްތަކަކަށް ފަހު ހުއްޓާލާފައިވާ ޕޯޓަލްތަކެކެވެ. އެހެންކަމުން މިހާލަތުން އަރައިގަނެ މައުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކޮށް މައުލޫމާތު ރައްކާކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް މަގުޗާޓެއް އެކުލަވާލައި، މަސައްކަތުގެ ތާވަލެއް އެކުލަވާ ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށް ޚާއްސަ ސަމިޓެއް ބޭއްވުމަށް ސަރުކާރުން މިވަނީ ނިންމަވާފަ އެވެ.

ބާސެލޯ ނަސަންދުރާގައި ކުރިއަށް ގެންދާ މި ސަމިޓުގައި، އެކި އިދާރާތަކާއި މުޢައްސާސަތަކުން 200 މަންދޫބުން ބައިވެރިވާނެއެވެ. މީގެތެރެއިން 50 މަންދޫބުންނަކީ އަމިއްލަ ފަރާތްތައް ތަމްސީލްކުރާ މަންދޫބުންނެވެ. މިސަމިޓުގައި އެސްޓޯނިއާގެ ތަޖުރިބާކާރުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ސަމިޓުގައި އެކި އިދާރާތަކުން 10 ކަރުދާހެއް ހުށަހަޅާނެއެވެ. މިކަރުދާސްތަކުގައި އެއިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރާނެއެވެ. އަދި ސަމިޓުގެ ތެރެއިން 40 ޑިސްކަޝަން ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.