ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން އުޅޭ މައްސަލާގައި ހަނުހުންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާވެވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖޭއެސްސީ އަށް ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނު ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމެންޓްގެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމުމުންނެވެ. އަދި ރިޓަޔާކުރައްވަން ހުށަހެޅިކަން ސުޕްރީމް ކޯޓަށް ވެސް މުއުތަސިމް ވަނީ އަންގަވައިފަ އެވެ.
މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އޮތް ގާނޫނީ ދާއިރާއިން މަތީތައުލީމް ހާސިލުކުރެއްވި އާ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މުއުތަސިމް ވަނީ އެމަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ހަފްލާތަކުން ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއް ސުއޫދަށް ސަރުކާރުން އަންގައިގެން ޖޭއެސްސީން ނުފޫޒުފޯރުވައިގެން ވަނީ އިސްތިއުފާދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ގާނޫނާ ހިލާފަށް އަމަލުކުރައްވާއިރު އުއްތަމަ ފަނޑިޔާރު ހަނުހުންނަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
މުއުތަސިމަކީ 32 އަހަރަށްވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.