ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުންދަނިކޮށް ހާލު ސީރިއަސްވި މީހާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް ކަމަށެވެ.

ފުލުހުން ބުނީ އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ.

އޭނާގެ ހާލު ދެރަވާތީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ ވެސް ވެންޓިލޭޓަރުގަ އެވެ.

ފުލުހުން ބުނީ މި މަހުގެ ތިން ވަނަ ދުވަހުގެ ފަތިހު 4:21 އެހާކަންހާއިރު، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުން ވެސް ހަބަރެއް ނުވެ ހަރަކާތެއް ވެސް ނެތުމުން، 4:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށެވެ.

"ޑޮކްޓަރުގެ ލަފާގެ މަތިން، 4:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވޭ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 1:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ދަނީ ފަރުވާ ދެމުން،" ފުލުހުން ބުންޏެވެ.