މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލާގައި އިދާރާތަކުން އަމަލިކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މުއައްޒަފުން ބައިވެރިވުމުން ދުރުހެލިވާން އަންގައިފި އެވެ.

ޔުމްނުގެ ދިފާއުގައި ކުރަމުންދާ މުޒާހަރާ އަށް އެޗްއާރްސީއެމް ސްޓާފުން ދިއުން މަނާކޮށްފައިވޭތޯ ސުވާލުކުރުމުން އެޗްއާރުސީއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެޕްރީލް 23 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާ މުޒާހަރާތައް މޮނިޓަރ ކުރުމުގައި އެޗްއާރުސީއެމްގެ މުވައްޒަފުން މުޒާހަރާގެ އޮން-ސައިޓް މޮނިޓަރިންގެ އިތުރަށް މީޑިއާ މޮނިޓަރިންގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިއީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަންގެ މެންޑޭޓްގެ ދަށުން ކުރާ މަސައްކަތެެއް ކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ ކޮމިޝަނުގެ އޯވަރސައިޓް މެންޑޭޓްގެ ދަށުން، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ބަލަމުންދާކަމަށެވެ.

މި މަސައްކަތްތައް ކުރުމުގައި، އެޗްއާރުސީއެމްއަކީ ތައައްސުބުން އެއްކިބާވެފައިވާ ފަރާތަކަށް ވާން ޖެހޭކަމަށާއި އެފަދައިން އާންމުންނާއި އެންމެހާ ސްޓޭކްހޯލްޑަރުންނަށްވެސް އެނގި ހާމަވާންޖެހޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުން (އެންއެޗްއާރްއައި) އަމަލުކުރާ އުސޫލުތަކުގެ ދަށުން، މިފަދަ މުއައްސަސާތަކުގެ މުވައްޒަފުން މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެންޖެހޭއިރު އެފަދައިން، އެޗްއާރުސީއެމްގެ މުވައްޒަފުންނަށްވެސް މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދެވިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެއީ އަމިއްލަ ހައިސިއްޔަތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން، ކޮމިޝަނުގެ މަސައްކަތުގެ ސައްހަކަމަށް އަސަރުކުރުމުގެ ފުރުސަތު އޮތްކަމަކަށް ވާތީ އާއި މި ފިޔަވަޅަކީ ކޮމިޝަންގެ ދައުރުގެ ސުލޫކު ހިފެހެއްޓުމަށާއި، ކޮމިޝަންގެ އެންމެހާ މަސައްކަތްތައް ތަޢައްސުބުން އެއްކިބާވެ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަން ޔަޤީންކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް އެޗްއާރުސީއެމްގެ މެސެޖުގައިވެ އެވެ.

އިހުތިޖާޖު ކުރަމުންދާ ޒުވާނުން ސަރުކާރުގެ ކިބައިން ވަނީ 10 ޑިމާންޑެއް ކޮށްފަ އެވެ. އެއީ:

1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން

2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން

3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން

4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން

5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން

6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން

7. ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން

8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން

9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

10. ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީ މައާފަށް އެދިވަޑައިގަތުމަށް

މިމައްސަލާގައި އެރޭ ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށް، އެ މައްސަލާގައި ތުހުމަތުކުރެވޭ 7 މީހެއް ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ޔުމްނު މިހާރު އިތުރު ފަރުވާއަށް މެލޭޝިއާ އަށް ގެންގޮސްފައިވާއިރު އާއިލާއިން ބުނި ގޮތުގައި ޔުމްނު މިހާރު ވަނީ ހޭ އަރާފަ އެވެ.