ސިންގަޕޫރުގެ މިނިސްޓަރުންތަކަކާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް، އެ ގައުމުގައި 2.2 ބިލިއަން ޑޮލަރުގެ މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވި މީހަކާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިކަމާ ގުޅިގެން އެގައުމުގެ ސަރުކާރުގެ ނަޒާހަތްތެރިކަމާ މެދު އާއްމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެގެން މިދިޔަ އަހަރު ޖަލަށްލީ ސޫ ހަޖިން އާއެކު އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޗީ ހޮން ޓަޓް، ހެލްތު މިނިސްޓަރު އޮންގް ޔެ ކުންގް އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަންގް ޗީ މެންގް ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވާ މަންޒަރު ފެނެ އެވެ.

މި ފޮޓޯ ނަފާގައި ވަނީ ކޮންއިރަކުކަން ސާފު ނުވި ނަމަވެސް މިކަމާ ގުޅިގެން ދެ މިނިސްޓަރުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މީހުން ސޫ ނުދަންނަ ކަމަށާ އޭނާ އާއެކު ކެއުމުގައި ބައިވެރިވެވުނީ އިއްތިފާގަކުން ކަމަށެވެ.

މި މީހުންގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަންގް ވެސް ވިދާޅުވީ އެ ގައުމުގެ ލޭބާ ޔޫނިއަންގެ އިސް ފަރާތަށްވުމުގެ ސަބަބުން ވަރަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވެފައި ހުންނާނެ ކަމަށާއި ސޫގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ބެހޭ ގޮތުން އެނގިވަޑައިގެންފަހުން އޭނާ އާ އެއްވެސް ވަރަކަށް މުއާމަލާތްކޮށްފައި ނުވާނެ ކަމަށެވެ.

މިކަމުގައި އެކުލެވޭ ސޫއަކީ އެ ގައުމުގައި ފަހަކަށް އައިސް އެންމެ ބޮޑު ހުކުމެއް އިއްވި މައްސަލާގައި ހިމެނޭ 10 މީހުންގެ ތެރެއިން އެކަކެވެ. މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި އޭނާ ހައްޔަރު ކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.