މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިރޭ ކުރި މުޒާހަރާއަށް ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
މުޒާހަރާކުރިއަށްދަނިކޮށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާސްޕްރޭ ޖަހާފަ އެވެ. ޕެޕަސްޕްރޭ ޖެހުމާއެކު މުޒާހަރާ ހޫނުވެ ފުލުހުންނާ ކުރިމަތިލުންތަކެއް ދިޔަ އެވެ.
މުޒާހަރާގައި މީހުން ހައްޔަރުކުރި ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ބޭނުންކުރި އަޑުގަދަކުރާ ވެސް އަތުލައިގެންފަ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީމަހުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާގޮތައް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައްކުރަމުންދާކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދިޔަ ކަމަށެވެ.
މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާއްމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މީގެއިތުން މިއަދަކީ ޖީސީއީ އޯލެވެސް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވާތީ، އެކަމަށް ވެސް ހުރަސްއެޅެމުން ދިޔަކަމުގެ ޝަކުވާ ލިބެމުންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރުދިނުމަށްފަހު، ރޭ ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާ އެއްވުން ރޫޅާލާފަ އެވެ.
މި ފިޔަވަޅަކީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް އެޅި ފިޔަވަޅެއް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ދެ މީހަކުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހުޒޫމް މާޖިދު 28އ، އާއި މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު 19އ. އެވެ.
ފުލުހުން ބުނީ މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޒުވާނުން މުޒާހަރާކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ޒުވާނުންގެ ޑިމާންޑާއެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފަ އެވެ.