މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވީ ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 އާއި ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ، އާއި އާމިނަތު އީނާސް، ހ. ހަބަރުގެ އެވެ.

އެބޭފުޅުންގެ ތެރެއިން އީނާސް އަކީ ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސެވެ. ދެން އެ ކޮމިޝަނުގައި ތިއްވަނީ ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު މުހައްމަދެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިން އައްޔަންކުރި. ޑރ. މުހައްމަދު ހަބީބު ވަނީ އިސްތިއުފާދެއްވާފަ އެވެ.

ހަބީބު އިސްތިއުފާދެއްވީ އެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލާ އާއިލީގޮތުން ގުޅުން އޮތުމުންނެވެ. ރައުދުގެ މަންމައަކީ ސ. ހިތަދުއަށް ނިސްބަތްވާ މީހެކެވެ. ހަބީބަކީ ވެސް ހިތަދުއަށް ނިސްބަތްވާ ބޭފުޅެކެވެ. އެ ދެ މީހުންނަކީ އާއިލީގޮތުން ގުޅުން އޮތް ދެ މީހުންނެވެ.