2016 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިސްގައި މަޝްހޫރު މޮޑެލް ކިމް ކާޑޭޝަންއަށް ކުރިމަތިވި ވައްކަމުގެ ހާދިސާއާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުވާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މީގެ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ކުރިން "ޕެރިސް ފެޝަން ވީކް"އަށް އެ ސިޓީއަށް ގޮސް އުޅުނު ކިމްގެ އަގުބޮޑު ބައެއް ތަކެތި ވަނީ އެ ދަތުރުގެ ތެރެއިން ވަގަށް ނަގާފަ އެވެ.

އެގޮތުން ކިމް އެ ދަތުރުގައި މަޑުކޮށްގެން ހުރި ހޮޓަލަށް އައި ފަސް ވަގުން އޭނާގެ އަތުން ހަތަރު މިލިއަން ޑޮލަރުގެ އަނގޮޓިއަކާއި 10 މިލިއަން ޑޮލަރުގެ އަގުހުރި އެހެން ގަހަނާތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ވަގުން ކިމްގެ މުދާތައް ފޭރިގަނެގެން ދިޔައިރު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ފުލުހުން އެތަނަށް އައިސް ކުރި ތަހުގީގުތަކަށްފަހު ބައެއް މީހުން ވަނީ ހައްޔަރު ވެސް ކުރެވިފަ އެވެ.

މި ވައްކަމުގައި ތުހުމަތު ކުރެވޭ 12 މީހުންގެ ތެރެއިން 10 މީހެއްގެ ޝަރީއަތް ފަށަން ތައްޔާރު ވެފައިވާއިރު ކިމްގެ ބަޔާން ނަގަން އޭނާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ.

ކިމްގެ ޕާސަނަލް އެޓާނީ މައިކަލް ރޯޑްސް ވެސް ވަނީ މި މައްސަލާގައި ކިމް ކޯޓަށް ހާޒިރު ވާނެކަން މީޑިއާތަކަށް ޔަގީން ކޮށްދީފަ އެވެ.

މި ޝަރީއަތަކީ ކިމްގެ ދިރިއުޅުމުގެ އެހެނިހެން ކަންތައްތަކާ ވެސް އެއްގޮތަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބޭނެ ޝަރީއަތަކަށް ވާނެ އެވެ.