ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާ ގަބޫލުކުރައްވައި، ޕޮލިސްގެ ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެންދެން ޕޮލިސްގެ ހިންގުން ނަވީންއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޝުޖާއު އިސްތިއުފާދެއްވީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.
މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ވަނީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަނީ އިސްތިއުދާދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
މުޒާހަރާގެ ބައިވެރިން ކުރާ ޑިމާންޑްތަކުގެ ތެރޭގައި ދެފުށް ފެންނަ ތަހުގީގެއް ކުރުމާއި އެ މައްސަލާގައި ޝާމިލްވާ އެންމެން ހައްޔަރުކުރުން ހިމެނެ އެވެ.