ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް އޭނާގެ މިހާރުގެ ބައިވެރިޔާ އިނެސް ޑި ރަމޮންއަށް ކައިވެނި ހުށައަޅައިފި ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޑް މިހާރު ހުރީ އޭނާގެ ދިރިއުޅުމުގެ މުޅިން އާ ސަފްހާއެއް ފަށަން ބޭނުންވެ އެކަމަށް މުޅިން ތައްޔާރު ވެގެންނެވެ.
ރާޑާ އޮންލައިންއިން ބުނެފައިވާ ގޮތުގައި 61 އަހަރުގެ ބްރެޑް 32 އަހަރުގެ އިނެސްއަށް ކައިވެނި ހުށައަޅާފައިވަނީ މިފަހުން ނިއުޒިލެންޑަށް ބްރެޑް ކުރި ދަތުރުގެ ކުރިންނެވެ.
"ބްރެޑް މިހާރު ހުރީ އޭނާގެ މާޒީއިން އަރައިގަނެ ދިރިއުޅުމުގެ މުޅިން އާ ސަފްހާއެއް ފަށަން ބޭނުންވެފައި. އިނެސްއަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރަން އޭނާ ބޭނުންވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބްރެޑް އިނެސްއާ ކައިވެނި ކޮށްފިނަމަ އެ ކައިވެނި ވެގެންދާނީ އޭނާގެ ތިންވަނަ ކައިވެންޏަށެވެ. މީގެ ކުރިން ބްރެޑް ވަނީ ހޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި އެންޖެލީނާ ޖޯލީއާ ކައިވެނި ކޮށްފަ އެވެ.
2000 ވަނަ އަހަރު ބްރެޑް ޖެނިފާއާ ކައިވެނި ކުރިއިރު އެ ކައިވެނި ރޫޅުނީ އޭގެ ފަސް އަހަރު ފަހުން ބްރެޑްއާއި އެންޖެލީނާ ލޯބީގެ ގޮތުން ގުޅި ޖެނިފާއަށް ބްރެޑް ބޭވަފާތެރި ވުމުންނެވެ.
އޭގެ ފަހުން އެންޖެލީނާއާ ގުޅި 2014 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ އޭގެ ދެ އަހަރު ފަހުންނެވެ. ދިގު ގާނޫނީ ހަނގުރާމައަށްފަހު އެ ވަރި ކޯޓުން ނިމުނީ މިދިޔަ އަހަރު އެވެ. އެ ކައިވެންޏަށް ހަ ކުދިން ލިބުނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޑްގެ ކުރީގެ ގުޅުންތަކާއި އިނެސްއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ތަފާތެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިނެސްއަކީ ހޮލީވުޑްއަށް ނިސްބަތްވާ ފަރާތަކަށް ނުވުމެވެ. އޭނާއަކީ ގަހަނާ ޑިޒައިނަރެކެވެ.